ޚަބަރު
ވިއްސާރައިގެ ގެއްލުންވި ރަށްރަށުގެ ހާލަތު މިދަނީ ގާތުން ބަލަމުން: މިނިސްޓަރު
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި ރަށްރަށަށް ލިބެމުންދާ ގެއްލުމާއި ރަށްރަށުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ވިދާޅުވީ، ވިއްސާރަ އާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"...އަދި ކ. ހިންމަފުށީގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ދިޔަ ކައުންސިލް މެންބަރު ވަފިއްޔާ އިބުރާހީމް ކަރަންޓްގައި ޖެހުމުގެ ސަބަބުން މާލެ ގެނައުމާ އެކު، އޭނާގެ ހާލު ބައްލަވާލެއްވުމަށް މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މާލެ އަށާއި ރާއްޖޭގެ ގިނަ ރަށްރަށަށް އިއްޔެ ކުރި ބޯ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ސަރުކާރުން ބުނެފައި ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

ބޯވާރޭގައި އިއްޔެ ލިބުނު ގެއްލުން:

- ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު.

- މާލޭގައި ފެންބޮޑުވެގެން އެހީތެރިކަމަށް 774 ތަނަކުން ރިޕޯޓްކުރި.

- 554 ތަނަކުން ރިޕޯޓުކުރީ ވެލި ބަސްތާ ޖަހައިދޭން.

- ފިހާރަތަކާއި ގެތަކަށް ފެން ވަދެ، އެކި ސާމާނަށް ގެއްލުންވި.

- ގިނަ އަދަދެއްގެ ވެހިކަލްތަކަށް ގެއްލުންވި.

- ބޯކޮށް ވާރޭވެހި ފ. ނިލަންދޫ އާއި ކ. ހިންމަފުށި، ކ. ގުރައިދޫގެ ގެތަކަށް ވެސް ފެންވަދެ ގެއްލުންވި.

- ށ. ނަރުދޫ އާއި ރ. އިނގުރައިދޫއަށް އުދަ އަރައި ގެއްލުންވި. 

މޫސުން ގޯސްވުމާ ގުޅިގެން އިއްޔެ ދެ ފަހަރެއްގެ މަތިން އޮރެންޖް އެލާޓް ވެސް ނެރެފައިވެ އެވެ. ފަހުން މެޓް އޮފީހުން ވަނީ އޮރެންޖް އެލާޓް، ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ.

މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު