ޚަބަރު
އުސޫލުން ބޭރުން ރަޖުނީ ފްލެޓެއް ހޯދިކަން ފާހަގައެއް ނުކުރެވުނު: ފުލުހުން
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު.
ވިނަރެސް ފްލެޓެއް ގަތުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ގޯހެއް ހަދާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް، ވިނަރެސް ހައުސިންގް މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މައުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ތަރުޖަމާނުގެ 'އެކްސް' އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. 

މި ފަހުން ރަޖުނީ އާންމުންނަށް ފެނިފައިވަނީ ހައްގުނޫން ބަޔަކަށް ހުޅުމާލެއިން ގޯތިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންނެވެ.

ފުލުހުން އެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށްފަހު، ރަޖުނީއާ ގުޅޭ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވިއެވެ. އެގޮތުން އޭނާ ނުހައްގުން ވިނަރެސް ފްލެޓެއް ހޯދައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔެކިޔުންތަކެއް އަންނަނީ ދައުރުކުރަމުންނެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ އެ ފަދަ ތުހުމަތެއް އޭނާއާމެދު ކުރެވޭއިރު ގޯތިތަކުގެ މައްސަލަ ބެލުމުގައި އޭނާ އުޅުމަކީ މައްސަލައަށް ނުފޫޒެއް ނެތި ރަނގަޅަށް ބެލޭނެ ކަމެއް ކަމަށް ބުނެ ސުވާލު އުފައްދައިފައެވެ.

އެނގިފައިވާ ގޮތުގައި ރަޖުނީ ވަނީ ހުޅުމާލޭގައި ހުންނަ ޕޮލްކޯ ފްލެޓްތަކުގެ ތެރެއިން ވެސް ފްލެޓެއް ހޯދާފަ އެވެ. ރަޖުނީ ތިން މިލިއަނެއްހާ ރުފިޔާއަށް ފްލެޓް ގަނެފައިވާތީ އެއީ އޭނާ ކިހިނެއް ހޯދި ފައިސާއެއްތޯ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން އާންމުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފައެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު