ޚަބަރު
މަޑިއަށް ކާންދިނުން އިތުރުވާތީ އެކަން ނުކުރާން އެދެފި
މަޑިއަށް ކާންދިނުން އިތުރުވާތީ އެކަން ނުކުރަން އީޕީއޭއިން އިލްތިމާސްކޮށްފި -- ފޮޓޯ/ ބިބީ މޯލްޑިވްސް
މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވެފައި ވާތީ، އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާން އެޅުން އިތުުރުވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ ޝަކުވާތައް ވެސް އެ އެޖެންސީއަށް ލިބޭ ކަމަށް ބުންޏެވެ.

އެ ނޫސް ބަޔާނުގައި އީޕީއޭއިން ބުނީ މަޑިއަށް ކާން ދިނުމާއި ކާ އެއްޗެހި އެޅުމުން އޭގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. 

އެގޮތުން މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާންއެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރު ކުރާނޭ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށާއި މަޑީގެ ބާވަތްތައް ބަލާލުމުގެ އިތުރުން އެތަކެއްޗާއެކު ފީނާލުމަކީ ދިވެހީންނާއި ފަތުރުވެރީންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ނަމަވެސް މި ކަންކަމުގެ ސަބަބުން އިންސާނުންނަށް އެކިކަހަލަ އަނިޔާތަކާއި ބައެއްފަހަރު ފުރާނައަށް ނުރައްކާތެރިވާފަދަ ހިތާމެރި ހާދިސާތައް މެދުވެރިވާކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

"މިގޮތަށް ކަންތައްތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމެވެ. މީގެ އިތުރުން މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވެގެންދެ އެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

މި ކަހަލަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވެ، މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޕީއޭ އިން ވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު