ޚަބަރު
ރިޔާސަތުގައި މި އިންނަނީ މިނިވަންކަމާއެކު: އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މިނިވަންކަމާއެކުގައި ކަމަށާއި އެއްވެސް ބައެއްގެ ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވަނީ އަބްދުއްރަހީމްގެ ހާލުކޮޅާމެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ ހަމްދަރުދީވޭ އިއްޒަތްތެރި ރައީސްގެ ހާލުކޮޅާމެދުވެސް އަޅުގަނޑު ހަމްދަރުދީވޭ. އިއްޒަތްތެރި ރައީސް ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް..،" މީކާއީލް އެހެން ވިދާޅުވުމާއެކު އަބްދުއްރަހީމް ވަނީ އެ ވާހަކަ މެދުކަނޑާލައްވާފަ އެވެ. 

އެކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތު އަދި އެ ނޫން ވެސް ހާލަތެއް މީކާއިލަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނެވި އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި އިނީ މިނިވަންކަމާ އެކު މި ގޮނޑީގައި. އަޅުގަނޑު މި ގޮނޑިއަށް އިންތިހާބު ކޮށްދެއްވީ މި މަޖިލީހުގެ މެންބަރުން. އަޅުގަނޑަކަށް އެއްވެސް ހުރަހެއް މި ތާނގައި އޮތް ކަމަކަށް ނެތް،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް މީކާއިލަށް އިލްތިމާސް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު