ޚަބަރު
ފެން ހިންދާ ޕަމްޕުތައް ޑިފެންސްއާ ހަވާލު ކުރަނީ
ސިޓީ ކައުންސިލުން ގެނައި ފެން ހިންދާ ދެ ޕަމްޕެއް --- ފޮޓޯ: ސިޓީ ކައުންސިލް
މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ލުޔެއް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ގެނައި ފެންހިންދާ ދެ ޕަމްޕު ޑިފެންސް މިނިސްޓްރީއާ ހަވާލުކުރަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓަރީގެ ބެލެހެއްޓުމުގެ ދަށުގައި މި ދެ ޕަމްޕު ބެހެއްޓުމަށް ނިންމާ، ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކްޓިވް ޢަބްދުލް މުހައިމިން ނަސީރު ސޮއިކޮށް ޑިފެންސް މިނިސްޓްރީއަށް ވަނީ ސިޓީއަކުން މިކަން އަންގާފަ އެވެ.

ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތަށް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕު މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިހާރު އެ ދެ ޕަމްޕު މާލެ ގެނެވިފައި ކަމަށެވެ. ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މި ދެ ޕަމްޕު ރޭ ވަނީ ފުރަތަމަ ފަހަރަށް ބޭނުންކޮށްފަ އެވެ. ޕަމްޕުތައް ގެނައުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2024 ގައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

"ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، މި ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާ،" ކައުންސިލުން ދިފާއީ ވުޒާރާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި ޕަންޕުތަކަކީ ފެން ގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވޭ ވަރުގެ ގާބިލު ބިޔަ ދެ ޕަންޕެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު