ޚަބަރު
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭ މަގުމަތީގައި އަސްކަރީ ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ސިފައިންގެއިން ބުނީ މި ހިނގާލުން ފަށާނީ މިއަދު ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ކަމަށެވެ. އެހިސާބުން ހިނގާލުން ފަށައި، ސިފައިންގެ ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނެ އެވެ.

މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ އެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހިނގާލުމުގައި ލަޝްކަރު ޕާފޯމް ކުރަން ހުއްޓާނީ އަމީރުއަހުމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.

ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު