މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިިޔާކުރަނީ
އަލީ ރާޒީ
12 އޭޕްރީލް 2025 - 22:49
0 comments
ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރުގައި ހަރަކާތްތެރިވާ ދިވެހި ސިފައިންނަށް ތަމްރީނުވަނީ
މިސައިލް ފޮނުވުމުގެ ގާބިލުކަންހުރި މަނަވަރެއް (މިސައިލް ބޯޓެއް) ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އެ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ތުރުކީއަށެވެ. އަދި އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު، އެ ގައުމުގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ވަނީ ގަނެފަ އެވެ.ޓާކިޔޭ ޓުޑޭއިން ބުނެފައި ވަނީ، މި ހިނގާ އޭޕްރީލާއި ޖޫނާ ދޭތެރޭ އެ މިސައިލް ބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކަމަށް ޓަކައި، އިސްތާމްބުލް ޝިޕްޔާޑު ކޮމާންޑުގައި އެ ބޯޓުގެ މަރާކާތުތަކެއް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެ ބޯޓު ރާއްޖެ ގެންނަނީ ކަނޑުމަގުން، ޑޮކްލޭންޑިން ބޯޓެއް މެދުވެރިކޮށެވެ.އެއާއެކު ތުރުކީގެ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް، މިސައިލް ބޯޓު އެކްޓިވޭޓްކޮށްދޭނެ ކަމަށާއި، އެ މުޅި ޕްރޮސެސް ލަސްވެގެން އަންނަ ޖުލައިގައި ނިންމައިލެވޭނެ ކަމަށް ލަފާކުރެ އެވެ.އެ މިސައިލް ބޯޓުގައި މަސައްކަތްކުރާނެ ދިވެހި ސިފައިންނަށް މިދިޔަ ހޯމައިގައި ފެށި ތަމްރީނުތައް އަންނަ މަހުގެ ނުވައަކަށް ނިންމައިލުމަށް ވަނީ ނިންމައިފައެވެ. އަދި ފުރަތަމަ ދެ ހަފުތާގައި، ތުރުކީގެ އިންސްޓްރަކްޓަރުން އެ ބޯޓުގައި، ދިވެހި ސިފައިންނަށް އޮޕަރޭޝަނަލް ޓްރެއިނިން ދޭނެ އެވެ.މީގެ އިތުރުން އުޅަނދު ރާއްޖެއަށް ގެނައުމަށްފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފްތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީގެ ކަނޑުގެ ސިފައިން ހިދުމަތަށް ނެރުނީ 1981 ވަނަ އަހަރު އެވެ. އަދި 2024 ގައި މި އުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފަ އެވެ.ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެ އުޅަނދުތަކަކީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.މިސައިލްތައް ގަންނަ ކަމުގެ އަޑުތައް އަރާފައި ވަނިކޮށް، ސަރުކާރުން ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއަކަށް އިންވެސްޓުކުރާ ގޮތަށް ކްރޮސް ސަބްސިޑީގެ ދަށުން ރަށްތަކާއި ފަޅުތައް ދޭން އިއުލާންކޮށްފަ އެވެ.އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފުރަތަމަ ގަރާރުގައި އޮތީ 15 މިލިއަން ޑޮލަރު އިންވެސްޓުކުރާ ގޮތަށެވެ. ފަހުން އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު