ބޭރުގެ 4 ގައުމަކަށް އައިޑީ ކާޑުގެ ހިދުމަތް
މަރިޔަމް އަނާ
13 އޭޕްރީލް 2025 - 13:19
0 comments
ފޮޓޯ: މިހާރު
ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އެ ބުނީ އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ގައުމުތަކަކީ މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ކަމަށެވެ. މި ގައުމުތަކަކީ ގިނަ އަދަދަކަށް ދިވެހިން މިހާރު ދިރިއުޅެމުން އަންނަ ގައުމުތަކެކެވެ.ނަމަވެސް އެ ގައުމުތަކުގައި ހިދުމަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.މިނިސްޓްރީން ބުނީ މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށާނެ ކަމަށެވެ.އެ ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުއްޔެވެ.ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް 15 ރަށެއްގައި ފަށައިފަ އެވެ. އެ ރަށްރަށުގައި މި ހިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މާލެ ސަރަހައްދުގައި ވެސް ހުޅުމާލެ އާއި ވިލިމާލެއިން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ވެސް ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު