ފިޔާޒަށް ރައީސް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލަ: ޕީޖީ އޮފީހުން ނިންމީ ރައީސަށް ދައުވާ ނުކުރަން
ހަސަން ހަލީމް
25 މާޗް 2025 - 00:24
0 comments
އައްބާސް ޝަރީފް، ރައީސް މުއިއްޒާ އެކު
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދައްކަވައި، އިންޒާރުދެއްވިކަމަށް ބުނާ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒު، ފިޔާޒަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޑިއުޓީ ޕްރޮސިކިއުޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ."މި މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދާފައިވާ ހެކި ގަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިން ކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދައުވާ ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.އެ އޮފީހުން ބުނި ގޮތުގައި، ގާނޫނުލްއުގޫބާތުގެ ދަށުން، އިންޒާރެއް ދިން ކަމަށް ބެލެވޭނީ، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން، އޭނާ މަރުވެދާނެ ކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައި އަދި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދައްކައިފި ނަމަ އެވެ.އިތުރު ތަފުސީލް ދެމުން ޕީޖީ އޮފީހުން ބުނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، އިންޒާރެއް ދިން ކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނަ އަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފި ނަމަ ކަމަށެވެ.ޕީޖީ އޮފީހުން ބުނީ ފިޔާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅުއްވީ ރައީސް އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދެއްވައިގެން ކަމަށެވެ."މިއީ އިސްވެ ދެންނެވުނު ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށް ނުވާތީ މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް މި އޮފީހުން ނިންމީ އެވެ،" ޕީޖީގެ ބަޔާނުގައިވެ އެވެ."އަދަދު" ނޫހުން މީގެ ކުރިން ނެރުނު ބަޔާނުގައިވާ ގޮތުގައި، ފިޔާޒަށް ގުޅުއްވައި ރައީސް އިންޒާރުދެއްވީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް އޭރު ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެ ޕާޓީގެ މެމްބަރަކު، ރައީސް މުއިއްޒުގެ އާއިލީ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަަދައްކާފައިވާތީ އެކަމާ ކޯފާވެގެންނެވެ.މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.ފުލުހުންގެ އިތުރުން ފިޔާޒުއަށް ބިރުދެއްކި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހު ފިޔާޒު ވަނީ އެމްއެމްސީއަށް ހާޒިރު ވެސް ކޮށްފަ އެވެ. އެއަށްފަހު ރައީސް އޮފީހާ ބައްދަލު ކުރުމަށް އެމްއެމްސީން ވަނީ މިހާރު އެދިފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައެވެ. އޭނާވަނީ، ފިޔާޒަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ އައްސަވަން ހުށަހަޅުއްވައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު