ޚަބަރު
ރައީސް ފުޓްބޯލް ފޯ ޕީސްގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.

ފުޓްބޯލް ފޯ ޕީސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވީ އެ ޖަމިއްޔާގެ ކޯ-ފައުންޑަރު ކާޝިފް ސިއްދީގީއާއި، ބްރެޑްފަޑް ސިޓީ އޮފް ކަލްޗާގެ ސީއީއޯ ޝާހްނާޒް ގުލްޒާރެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިވަސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޯ ޕީސްއިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފަ އެވެ. މީގެއިތުރުން އެ މަނިކުފާނު ވަނީ އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ބައްދަލުވެސް ކުރައްވާފަ އެވެ.

ދެހާސް ތޭރަވަނަ އަހަރު އުފެއްދި ފުޓްބޯލް ފޯ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އދގެ އޮފީސް ފޯ ސްޕޯޓްސް ފޯ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ.

އެ ޖަމިއްޔާ އަކީ ޞުލްޙަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާޢީ ވެއްޓަކަށް ތާޢީދުކުރާ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ދޭސީ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު