ވިޔަފާރި
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން މި އަހަރު ވެސް ސޮއިކޮށްފި އެވެ. ދިރާގުން ވަނީ 2023 އިން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ ދިވެހިރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިން އާއި ބެހޭ ގައުމީ އެސޯސިއޭޝަން އެވެ. 2023 ވަނަ އަހަރު މި އެސޯސިއޭޝަންއިން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފައެވެ. އަދ،ި ރާއްޖޭގައި ހިންގާ ސްކޭޓިން އާ ގުޅުންހުރި އެންމެހާ ހަރަކާތްތައް ހިންގަމުން ދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓީން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕާޓްނާޝިޕް ދަމަހައްޓައި ކުރިއަށް އޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކ،ީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެންދިއުން،" މިރްޝާން ވިދާޅުވި އެވެ.

ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވިދާޅުވި ގޮތުގައި، އެ ޖަމިއްޔާގެ ބޭނުމަކީ ދިރާގާ އެކު އޮތް ޕާޓްނަޝިޕް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހާސިލުކުރުމެވެ.

"ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ހާއްސަކޮށް ސްކޭޓިން ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މި ކުޅިވަރު ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.


ދިރާގަކީ ރާއްޖޭގައި ސްކޭޓިން ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު