ވިޔަފާރި
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް "ލިވް އަންލިމިޓެޑް" ގެ ނަމުގައި މިއަދުން ފެށިގެން ފާހަގަކުރަން ފަށައިފި އެވެ.

އޯގަސްޓް 13، ގައި ފާހަގަކުރާ އުރީދޫގެ އަހަރީ ދުވަހާއި ދިމާކޮށް އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރު ކަސްޓަމަރުންނަށް ފަހިކޮށްދޭ ފުރުސަތުތަކާއި ހިންގާ ހަރަކާތްތައް ވަނީ އިއުލާންކޮށްފަ އެވެ.

އުރީދޫ އިން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެންމެ ބޮޑު ކަމަކީ އެޕަލްއާ ގުޅިގެން އެޕަލް ވޮޗް ސެލިއުލާ ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކުރުމެވެ. އަދި ރާއްޖެއަކީ އުރީދޫ ގްރޫޕުން ވެސް އެ ހިދުމަތް ދޭ ތިންވަނަ ގައުމެވެ.

އެޕަލް ސެލިއުލާ ވޮޗް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އީ-ސިމް މެދުވެރިކޮށް ފޯނާ ދުރުގައި ހުއްޓަސް، އެޕަލް ވޮޗް ބޭނުން ކޮށްގެން މުއާމަލާތް ކުރެވޭނެ ހިދުމަތް ދޭން ފެށުމެވެ.

އެގޮތުން އެޕަލް ސެލިއުލާ ވޮޗް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެ ހިދުމަތް ހިލޭ ލިބޭއިރު، އޭގެ ފަހުން ހިދުމަތަށް ނަގާނީ މަހަކު 199ރ. އެވެ.

މީގެއިތުރުން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސްމާޓާ ހޯމް ބަންޑްލްތަކެއް ވެސް ތައާރަފްކޮށްފައިވާކަން ހާމަކޮށްފައިވެ އެވެ. އެ ބަންޑްލްތަކަށް ކެމެރާތަކާއި ޑޯބެލްތައް ލާފައިވާ އިރު، އެ ކެމެރާތައް ބޭނުންކޮށްގެން ފޯނުން ވަގުތުން ބެލޭ ގޮތަށް ކަނެޓުވުމަށް ފުރުސަތު ލިބޭނެ އެވެ. ކެމެރާތައް އެއްވެސް ޓެކްނިކަލް މީހެއްގެ އެހީތެރި ކަމެއް ނެތި އަމިއްލައަށް ކިއުއާރު ކޯޑެއް ސްކޭން ކޮށްލުމުން ސެޓަޕްކޮށްލެވޭނެ ކަމަށާއި ކެމެރާއަށް ރެކޯޑު ކުރެވޭއިރު، އެއް އަހަރު ދުވަހުގެ ކްލައުޑް ސްޓޯރޭޖެއް ޕެކޭޖެއް ލިބޭނެ އެވެ.

މީގެ އިތުރުން އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި 250ރ. ހޭދަކޮށްގެން ހިދުމަތެއް ހޯދައިފި ނަމަ އުމްރާ ދަތުރެއް ނުވަތަ ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ ބޮޑު އިނާމަކީ ދެ މީހަކަށް ހައްޖު ދަތުރެވެ.

ޖޫން 27، ގައި އައްޑޫގައި "އުރީދޫ ފަން ރަން" ބޭއްވުމަށް ނިންމާފައިވާ އިރު، 'އުރީދޫ މަސް ރޭސް' އޮގަސްޓް މަހު ބޭއްވުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ކައުންސިލްތަކާ ގުޅިގެން އެންމެ ރަނގަޅު ޕްރޮޕޯޒަލްތައް ހުށަަހަޅާ ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ.

މިއަދުގެ ޕްރެސްގައި ވަނީ އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރަކަށް މަސްވެރިޔާ ރާޝިދު އާދަމް ހަމަޖެއްސިކަން ވެސް އިއުލާންކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި އެ ކުންފުންޏަށް ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި އިންގިލާބުތަކެއް ރާއްޖެއަށް ގެނެވި، ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދިފައިވާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ އުރީދޫ އިން ކަނޑު އަޑީގައި ވެސް ހާއްސަ ހަރަކާތެއް ރާވަމުންދާ ކަމަށާއި އެ ހަރަކާތާ ބެހޭ މައުލޫމާތު މި މަހު ފަހުކޮޅު ކަސްޓަމަރުންނަށް ހާމަކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު