ޚަބަރު
ހާދިސާގެ ފުޓޭޖު ފުލުހުން އާންމު ކުރުމުން އިތުބާރު ގެއްލޭ: އެޗްއާރުސީއެމް
ހ. ފެންޓޯނިއާގެ އިން އަންހެނަކު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ ހިނގި ކަންކަމުގެ ފުޓޭޖު ފުލުހުން މިއަދު އާންމުކުރުމުން، އެ އަންހެން މީހާގެ ކަރާމަތާށް އުނިކަން ލިބިފައިވާކަން ފާހަގަކޮށް، އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއާރުސީއެމުން އެހެން ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން އޭނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ. 

އެ ކޮމިޝަނުން ބުނި ގޮތުގައި، އެ އިދާރާގެ ސަމާލުކަމަށް މި މައްސަލަ އައުމުން، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި އެވެ. އާއިލާގެ ފަރާތުން މައުލޫމާތު ލިބުނީ މިއަދުގެ ވަގުތެއްގަ އެވެ. ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ވެސް އެ އާއިލާއިން އެ ކޮމިޝަނަށް ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ.

ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ހުރިހާ ހެއްކެއް އެއްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމު ކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެޗްއާރުސީއެމުން ބުންޏެވެ.

ފުލުހުން ބޭއްވި ދެ ޕްރެސް ކޮންފަރެންސްގައި، އަނިޔާވި އަންހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އެ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

"އަދި މީގެ ސަބަބުން، ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުކޮށް، މައްސަލައާ ގުޅުން ހުރި އެހެން މީހުންގެ މައުލޫމާތު ހަމާކޮށްފައި ނުވުމަކީ ވެސް އަނިޔާވި މީހާ އާއި މި ހާދިސާގައި ޝަމިލުވާ އެހެން މީހުންނާ ތަފާތުކުރުން ކަމުގައި ބެލެވޭ ކަމަށެވެ. މީގެ ސަބަބުން އަނިޔާވި މީހާ އިތުރަށް "ވިކްޓިމައިޒް" ވެފައި ވާތީ، އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށް ބުންޏެވެ.

ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް، މި ހާދިސާ ހިނގި ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، މި ހާދިސާ ހިނގި ގޮތް ކަމަށް ބެލެވޭ ކަހަލަ ގޮތަކަށް ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މީގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލި، ފުލުހުންގެ ތަހުގީގުގެ ނަޒާހަތްތެރިކަމާ މެދުގައި ސުވާލު އުފައްދާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރްސީއެމް އިން ވަނީ ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، އޭނާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް މީހަކު އާންމު ނުކުރުމަށް އެދިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އިން އެއްޗެއް ނުބުނާތީ އެ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު