ޚަބަރު
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއާ+ އޮޕަރޭޝަންގައި ބައިވެރިވި މުއްދަތުގައި ސްކޭމަރުން އަތުލާގަތް ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ އަނބުރާ ހޯދުނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް ބުނެފި އެވެ.

މި އަހަރުގެ އޭޕްރިލް 28 އިން ފެށިގެން މޭ މަހުގެ 28އަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެކެވެ. އެގޮތުން، ޖުމްލަ ހަތް ގައުމަކުން ބައިވެރިވެ އިންޓަނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް ވަނީ މަސައްކަތްކޮށްފައެވެ.

ފްރޮންޓިއާ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮން، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ.

މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.

އޮޕަރޭޝަން ފްރޮންޓިއާ+ ގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ 3 ވަނަ ދުވަހު ހޮންކޮންގް ގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.  

އެގޮތުން، ފްރޮންޓިއާ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާއިރު ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު