ޚަބަރު
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވަން ފަށައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ކުލި ނުދައްކާ މީހުން ފްލެޓްތަކުން ނެރުމުގެ ބާރު އެގްރީމެންޓުން އެޗްޑީސީއަށް ލިބިދީފައިވީ ނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.

ހުޅުމާލެއިން ދޭ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދައްކައިގެން އަތުލާފައެއް ނުވެ އެވެ.

މި ސަރުކާރުން ވަނީ، އެކި ހައުސިން މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ވެސް ކުޑަކޮށްދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު