
އެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕުގެ ކޮންސިއުމަ އޮފިސަރު، ބިލާލް ކަޒްމީ އާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ "ފުޓް ޕްރިންޓް" ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.އުރީދޫ މޯލްޑިވްސް އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާ އެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.އެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫން ހަރާކާތްތެރިވާ 10 ގައުމެއްގައި، ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.މީގެ އިތުރުން އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.އެމްއެމްޕީއާރުސީގެ ސީއީއޯ ޝިއުރީ ވިދާޅުވި ގޮތުގައި، އުރީދޫއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ނަން އިޝްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވޭނެ އެވެ."ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވޯކު ހުރުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް، ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގުހުރި ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދު އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއާ ގިނަ ބަޔަކު ގުޅުވައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އުރީދޫން ބުންޏެވެ.