ޚަބަރު
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަންގަވައިފި އެވެ.

ރައީސް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • މި އަހަރު ހައްޖަށް ދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ލުއި ފަސޭހަ ހައްލެއް ހޯދައިދިނުމަށް ޑެބިޓު ކާޑަށް ލިބޭ 250 ޑޮލަރުގެ އިތުރަށް 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް އެދިފައިވާނެ 

  • އެއާއެކު ހައްޖުވެރިންގެ ޑެބިޓު ކާޑުން 2،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ 

ރައީސް ވަނީ ރައްޔިތުންގެ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން ކުރާ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ.

މި އަހަރު ރާއްޖޭން ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26ގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަތަރުވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު