ޚަބަރު
ޑިޖިޓަލް ދަތުރުގައި ބައިވެރިވާން އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައްވައިފި
ރައީސް ޑރ. މުހަންމަދު މުއިއްޒު
ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތް ސިޔާސީ ނުކޮށް، އެ މަސައްކަތުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަށް ރައްދުދެއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.  

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެވެ.

އަދި މި ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ދެ ފުށް ފެންނަ އަވަސް، ލުއި ފަސޭހަ، މަތީ ފެންވަރުގެ ހިދުމަތެއް ގާއިމުކުރުމުގެ އިތުރަށް، ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދިޔުމާއެކު ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،" ރައީސް ވިދާޅުވި އެވެ. 

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާ އެކުގަ އެވެ.  ރައީސް މުއިއްޒު ވަނީ މި އަހަރު ކުރީކޮޅު އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގެ ހިދުމަތްތައް ބައްލަވައި ތަޖުރިބާ ކުރައްވައިފަ އެވެ.

މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކޮށް، މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު