މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ
އިސްމާއިލް ރިޒާ
08 މެއި 2025 - 15:47
0 comments
އަލަށް ހެދި ތެލަސީމިއާ ސެންޓަރު.-- ފޮޓޯ: އެމްއެންޑީއެފް
ތެލެސީމިއާ ޕޭޝަންޓުން ދިން ހިޔާލާ އެއްގޮތަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ދަށަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުން މުހިއްމު ކަމަށެވެ. އެހެންވެ އެންމެ ގިނަވެގެން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެމްބީއެސްގެ ހިންގުމާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ހަވާލުވާނެ ކަމުގައި ވިދާޅުވި އެވެ.
"މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ހައްލު ލިބިގެން އަންނާނެ. މި ބަދަލާއެކު ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ހިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއްވެސް އަދާކުރާނެ،" ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލެއިން މިހާރު ދޭން ފަށާފައިވާއިރު، ހުޅުމާލޭގައި ހުރި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ މާލެއިން ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް އައިޖީއެމްއެޗްގައި ލޭ ހާދިޔާކޮށް، އެ ހޮސްޕިޓަލު މެދުވެރިކޮށް ރައްކާތެރިކަމާ އެކު ހުޅުމާލޭގައި ހުންނަ ސެންޓަރަށް ފޯރުކޮށްދޭނެ ކަމަށެވެ.ދިވެހި ސިފައިންނާއި ހަވާލުކޮށްގެން ހުޅުމާލެ އޮރެންޖު ހިޔާގައި ތަރައްގީކުރި ތެލެސީމިއާ ސެންޓަރުން މިއަދު ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ. މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރީ މާލޭގައި ހުންނަ ސެންޓަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ޝުއޫރު