ޚަބަރު
އިގްތިސާދަށް ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން: ރައީސް
އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)" ގެ ނަމުގައި ފެށި މަޝްރޫއު އިފްތިތާޙު ކުރުމަށް ކުރުބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން. އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިއަދު ފެށި މިފްސީ ޕްރޮޖެކްޓްގެ ދަށުން މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމް ކުރުމަށާއި އިގްތިސާދު ކުރިއެރުވުމުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރު ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ފަހިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިފްސީ އަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ދިރާސާއެއްވެސް ކޮށްފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އަންހެނުންނާއި މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބިގެންދާނެ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު