ޚަބަރު
ހުރިހާ ފުރުސަތުތަކާއި ހައްގުތައް ތެލެސީމިއާ މީހުންނަށް ވެސް ލިބިދޭންޖެހޭ: ރައީސް
ރާއްޖެއިން ލިބެން ހުރި ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ތެލެސީމިއާ ކުދިންނަށާއި މީހުންނަށް ވެސް ފުރިހަމައަށް ލިބިދޭންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތެލެސީމިއާ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ގައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށެވެ.

މި ދުވަހާ ގުޅުވައި އެ މަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ރާއްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް. އެހެންކަމުން، ތެލެސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކީ ވެސް އުނދަގޫ އެތައް ކަމެއް ތަހައްމަލުކުރަމުންދާ ކުދިން ކަމަށާއި ސިއްހަތު ސަލާމަތުން ބޭތިއްބުމާއި އެކުދިންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް އޯގާތެރިކަމާ އެކު މުއާމަލާތްކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވެސް ހިތާބުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އުނގަންނައިދިނުމާއި އާމްދަނީ ހޯދޭނެ މަގުތައް އެ ކުދިންނަށް ވެސް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ބަރުދާސްތުކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށާއި އެ ކުދިން ދިރިއުޅުމެއް ހޯދުމަށް އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބޭނެ ހެޔޮ އަމަލެއް ކަމަށެވެ. އެގޮތުން އެކުދިންގެ ފުރާނައިގެ ހައްގުގައި ލޭ ހަދިޔާކުރުމަކީ ލިބޭނެ ދަރުމައެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކުދިންނަށް އެހީތެރިވުމުގައި ސަރުކާރާއި މުޅި މުޖުތަމައު ބައިވެރިވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު