ޚަބަރު
އަލަށް ހެދި ތެލަސީމިއާ ސެންޓަރު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި
އަލަށް ހެދި ތެލަސީމިއާ ސެންޓަރު.-- ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މާލޭގައި ހިންގަމުން ދިޔަ ތެލަސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅު ކުރުމަށް އެ ސެންޓަރު ހުޅުމާލެ އޮރެންޖް ހިޔާ އަށް ބަދަލުކުރުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިފައިންނާ ހަވާލުކުރެއްވީ މި އަހަރުގެ މާޗް މަހު އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމާ މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެ ވެ.

މީގެ ކުރިން ވެސް ގައުމީ ފެންވަރުގެ މުހިންމު މަޝްރޫއުތައް އަވަސް ކުރުމަށް ޓަކައި ސިފައިން ނެރެފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ނިންމީ ސިފައިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.

ތެލެސީމިއާ ސެންޓަރު ބަދަލު ކުރުމުގެ މަސައްކަތް އަވަސްކުރަން ނިންމިއިރު، އެ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މާރިޗު މަހު 23 ގައި މުޒާހަރާކޮށްފައިވެއެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް އެ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވި އެވެ.

މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި ރައީސް ދެއްވި ޚިތާބުގައި ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ތެލެސީމިއާ ކުދީންނާއި އާއިލާތަކާ ސީދާ ބައްދަލުކުރައްވައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ފިޔަވަޅު އަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު