ޚަބަރު
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ސައުދީ ސަރުކާރުން ނިންމައިފި
"މައްކާ ރޫޓް އިނީޝިއޭޓިވް"ގައި، ރާއްޖެ ހިމެނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފި އެވެ.

މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ސައުދީ ސަރުކާރުގައި ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އޭރުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އެެވެ. ހައްޖުވެރިން ހޮޓަލަށް ދާއިރު ލަގެޖުތައްވެސް ހޮޓެލަށް ގެންގޮސްދޭނެ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ސައުދީން އެ ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާމެދު ދެކޭ އަހްވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް. މި ފުރުސަތުގައި ސައުދީ އަރަބިއްޔާގެ އިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަހުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިހުލާސްތެރި ޝުކުރު އަރިސްކުރަން. އަދި ސަައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސައޫދަށް ވެސް ޝުކުރު އަރިސްކުރަން. މިކަން ފުރިހަމަކުރުމަށް ޓަކައި އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށް ޓަކައި ރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއަށާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއަށް ވެސް ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު