ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ދެ މަގާމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން ދެ މަގާމެއް ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.

ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން، އޭނާގެ ބަންދުނުކޮށް ދޫކޮށްލަން ކްރިމަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށްފަހުއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ނިންމެވި މަގާމުން އިސްތިއުފާ ދެއްވާށެވެ. އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރިޓަޔާކުރައްވަން ނިންމަވައިފަ އެވެ.

ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފާސްކުރީ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ. އެއީ ފަނޑިޔާރުންނަށް ޖަވާބުުދާރީވާން ފުރުސަތު ނުދީ، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގަ އެވެ.

ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ބޭރުގެ ގާނޫނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީ އެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެހެންވެ، ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން އެ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު