ޚަބަރު
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގޯތި އަވަހަށް ހަވާލުކުރަން: މުއްތަލިބު
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވާހަކަ ދައްކަވަނީ
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައީ ގޯތި ހަވާލުކުރުން އަވަސްކުރަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލު ކުރީ އޮކްޓޯބަރު، 2024، ގަ އެވެ. ޕްލޭނަށް ބަދަލު ގެނެސް ސަރުކާރުން ބުނީ އެއިރު ހަދަނީ ޖާގަ ތަނަވަސް ޕްލޭނެއް ކަމަށެވެ.

އޭގެ ހަތް މަސް ފަހުން އަނެއްކާ ވެސް މިއަދު އާ ލޭންޑް ޔޫސް ޕްލޭނެއް ވަނީ ޝާއިއުކޮށްފަ އެވެ. އެ ޕްލޭނުގައި ގުޅީފަޅުގެ ގޯތިތައް ވަނީ މިހާރު ހިއްކާފައި ހުރި ސަރަހައްދަށް ބަދަލުކޮށްފަ އެވެ. މުއްތަލިބު ވިދާޅުވީ އޭގެ ބޭނުމަކީ ގޯތިތަކުގެ ރަޖިސްޓްރީ އަވަހަށް ދޫކުރުން ކަމަށެވެ.

"ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް."

އޭނާ ވިދާޅުވި ގޮތުގައި މިފަހަރު ގެނައި ބަދަލާ އެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިންތައް މިހާރު ވަނީ ހިއްކަން ކަޑައަޅާފައިވާ ސަރަހައްދަށް ބަދަލުކޮށްފަ އެވެ.

"މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު ވަނީ މަޝްވަރާކުރެވިފަ އެވެ،" މުއްތަލިބު ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި މުއްތަލިބު ވިދާޅުވި ފަދައިން މިރޭ ވެސް އޭނާ ތަކުރާރުކުރެއްވީ މި މަސް ތެރޭ ގުރުއަތުލުން ބޭއްވޭނެ ކަމުގެ ވާހަކަ އެވެ.

"މާތްاللهގެ އިރާދަފުޅާ އެކު މި މަސް ތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެ އެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ އެވެ. މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މުއްތަލިބު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު