އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި
ހަސަން ހަލީމް
17 މެއި 2025 - 23:07
0 comments
މިރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެސްޓީއޯ
ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށް ދިޔަ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި ވަރުގެ އަދަދެއް ބަހަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓު ހިއްސާދާރުންގެ ވޯޓާ އެކީގަ އެވެ.އެސްޓީއޯއިން މިދިޔަ މަހު އާންމުކުރި އެ ކުންފުނީގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، އޭގެ ކުރީ އަހަރާ ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ.ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެއީ ހަތް ޕަސެންޓުގެ ދަަސްވުމެކެވެ.އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަަށެވެ.މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި އެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 ޑޮލަރު (އެއް މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމައިފަ އެވެ.މިރޭގެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރަން ޑިރެކްޓަރަކު އިންތިހާބު ކުރުން ވެސް އޮތެވެ. ކުރިއަށް އޮތް އަހަރަށް ހިއްސާދާރުންގެ ވޯޓުން ހޮވީ މުހައްމަދު އަހުސަން ސަލީމް، މއ. ޓިއުލިޕްވިލާ އެވެ.
ކިޔުންތެރިންގެ ޝުއޫރު