ޚަބަރު
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.

އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން މިރޭ ބުންޏެވެ.

އެޗްއެލްއެލް ލައިފްކެއާ އަކީ މި ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުންޏެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، ހުރިހާ ބޭހެއްވެސް ލިބެން ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އޭގެއިތުރުން، ކޮވިޑް-19ގެ ތެރޭގައި، އެޗްއެލްއެލްއިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިމަހުގެ ތިން ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން މި ފަހުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރު އެ ކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު