ވިޔަފާރި
ހުޅުމާލެ ސިޓީ ހޮޓެލް ހިންގުން ވޯލްޑް އޮފް ބިޒްނަސްއަށް
ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ ހޮޓެލް އިމާރާތުގެ މަސައްކަތް 'ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

"ވޯލްޑް އޮފް ބިޒްނަސް" އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ރާއްޖޭގެ ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އަކީ މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ.

ހުޅުމާލޭގައި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ-ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރުމަށް އޮތީ ނިންމައިފަ އެވެ. މި ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު