ޒުވާން މަހްޒޫމާއި ޝިމަން ބަންދު ކުރުމުން ނަޝީދު ހިތްވަރު ދެއްވީ ޅެމަކުން
މަރިޔަމް އަނާ
02 މެއި 2025 - 22:07
0 comments
ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މިހާރު
ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުންތަކެއް ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ދެ ޒުވާނުންގެ ބަންދަށް ތިން ދުވަސް ޖެހުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ދެ ޒުވާނުންނަށް ޅެމަކުން ހިތްވަރު ދެއްވައިފި އެވެ.
ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.
މި ދެ ޒުވާނުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ދީފަ އެވެ.މި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު ނޫސްތަކުން ރިޕޯޓް ކުރި ފަހުން ރައީސް ނަޝީދުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް ވެސް، ފިތުރަތުގެ އުސޫލުން ނިމި ދަނީ ފަތިހަކަށް ކަމަށެވެ. ނަޝީދު ވަނީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަށް ވެސް ގޮވާލައްވައިފަ އެވެ.ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި، 'ދުލެއް ނުކުރާނަން'ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިން އެއްވަނީ މަޖީދީމަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރިއަށެވެ.އެ މުޒާހަރާތަކުގެ ފުރަތަމަ ރެއަށް ފަހު އެ އިމާރާތާ ކައިރިވިޔަ ނުދިނުމަށްޓަކައި، މުޒާހަރާ ފެށުމުގެ ކުރިން، ފުލުހުން ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރެ އެވެ.އެ މުޒާހަރާތަކަށް 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، ދެ މީހަކު ހައްޔަރު ކޮށްފަ އެވެ.ފުލުހުން ބުނެފައިވަނީ މުޒާހަރާ ރޫޅާލީ އާއްމުންނާއި ދަރިވަރުންގެ މަސްލަހަތަށް ކަމަށެވެ.އިދިކޮޅު އެމްޑީޕީން ބުނި ގޮތުގައި ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު