ޚަބަރު
ސިޔާސީ މަގާމުތަކުގެ އަދަދާއި ކުރެވޭނެ ހަރަދު ގާނޫނެއްގައި ކަނޑައަޅަނީ
ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައަޅައި އަދި އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) މިހާރު އޮތް ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ އަދަދަކަށް ބޭފުޅުން އައްޔަންކުރެވެ އެވެ.

ގާނޫނުއަސާސީގައި އަދި އެއްވެސް ގާނޫނެއްގައިވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނެ އެއްވެސް އަދަދެއް ކަނޑައަޅާފައި ނުވާތީ ސިޔާސީ މަގާމުތަކަށް ކޮންމެ ސަރުކާރަކުންވެސް އެތައް ސަތޭކަ ބަޔަކު އައްޔަންކުރާއިރު އެކަމުގެ ހެޔޮ ނަތީޖާ ފެނިގެން ނުދިއުމަކީ ރައްޔިތުންގެ މެދުގައި މިފަހަކަށް އައިސް ކަންބޮޑުވުން އޮންނަ ބޮޑު މައްސަލަ އެކެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިތުރު އިސްލާހުތައް ވެސް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.

2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.

3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.

4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު "ފްރީޒްކޮށް" އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.

5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.

6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.

ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ރަށު ކައުންސިލެއް އެކަނި އޮތުމުން މާ ރަނގަޅަށް ރަށްރަށުގެ ކަންކަން ހިންގޭނެ އެވެ.

ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ. ފިނޭންސް މިނިސްޓްރީން މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.2 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދު ވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާއަށް ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު