ޚަބަރު
މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން ދަމަހައްޓާނަން: ރައީސް
މުޖުތަމައުގެ ތެރޭގައި ފެތުރޭ ސައްހަ ނޫން ދޮގު މައުލޫމާތާ ދެކޮޅަށް މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާންކޮށްދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

ރައީސް ވަނީ ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، އެ މަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު މި މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންނަށް ތައުރީފު ކުރަން. ސައްހަ އަދި އިތުބާރު ހުރި ރިޕޯޓްތައް ނެރުމަށް ކުރާ ކެތްތެރިކަމާއި ހިތްވަރަށް ތައުރީފު ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ކުރިއަށް ޖެހިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ 'ހިތްވަރުގަދަ އާ ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު' އެވެ. މި ޝިއާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އިން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން، މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު