ޚަބަރު
އާރަށަށް ވަޑައިގަތީ 116 ފަހަރު، ގިނައިން ދަނީ ކުޅިވަރު ކުޅެން
ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ގިނައިން ވަޑައިގަންނަވަނީ ކުޅިވަރު ކުޅެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާރަށަށް ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީން މީޑިއާ އަށް ހިއްސާނުކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، 116 ފަހަރުގެ ތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ. އެއީ ދެކޮޅަށް ތިން ގަޑިއެއްހާއިރުގެ ދަތުރެކެވެ. 

މީގެއިތުރުން އެމަނިކުފާނު އާރަށަށް ވަޑައިގަންނަވާތީ ރަސްމީ ލޯންޗުކޮޅުގެ އިތުރުން ސެކިއުރިޓީ ދެ ލޯންޗުކޮޅު ދަތުރުކުރާ ކަމަށާއި ލޯންޗުގެ ތެލުގެ ހަރަދަށް 8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ރިޔާސީ ރަށަށް އާންމުކޮށް ވަޑައިގަންނަވަނީ ރަނގަޅު ސިއްހަތެއްގައި ހުންނަވަން ބޭނުންފުޅުވާތީ ފުޓްސަލް ކުޅުއްވަން ކަމަށެވެ.

ރައީސް މުއިއްޒު ފަރިއްކުޅުވި އެއްޗެހިތަކަށް ހަރަދުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދާދި ފަހުން ބިލެއް އާންމު ވެފައިވާއިރު، އެ ވާހަކަތައް ވެސް އެ މަނިކުފާނު މިރޭ ދޮގުކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެ ބިލްގެ ފޯމެޓް ވެސް ތަފާތު ކަމަށާއި ބިލްގައި ހިމަނާފައި ވަނީ އެ ދުވަހު އެ މަނިކުފާނު ފަރިއްކުޅުނުވާ ބާވަތެއް ކަމަށެވެ.

އާރަށުގެ ހަރަދުތައް ރައީސް މިއަދު ހާމަކުރެއްވިއިރު، އެ ރަށަށް ރައީސްގެ އާއިލާއިން ވަޑައިގެންނެވި އަދަދާއި އެ ކަމަށް ދިޔަ ހަރަދު އަދި ދާ ބޭފުޅުންގެ މައުލޫމާތު ސާފުކުރަން މީގެ ކުރިން ބައެއް މީޑިއާތަކުން ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ މައުލޫމާތަކީ ރައީސްގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ އެ މައުލޫމާތު އޭރު ނުދެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު