ޚަބަރު
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
ހައްވާ ޔުމްނު ރަޝީދު
ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އޭނާ ބަޔަކު ވައްޓައީލީ ކަމަށް އާއިލާ ގާތު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ބުނެފައިވާކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.

އިތުރު ފަރުވާ އަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.

އެ ރޭ އެ ގެއަށް ދިޔައީ ޔައްސާރު ނަމަކަށް ކިޔާ މީހެއްގެ ދައުވަތަކަށް ކަމަށާއި އެކުގައި ރައުދުގެ އިތުރުން ހަތަރު މީހަކު ވެސް ދިޔަ ކަމަށް ޔުމްނު ބުނި ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

"އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.

"އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،"

މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދަން އާއިލާއިން ބޭނުންވާ ކަމަށާއި ފުލުހުން މިކަމުގައި ހަދާފައިވާ ދޮގު ކަމަށްވެސް ދައްތަ ބުންޏެވެ.

"އަޅުގަނޑުމެން ޑިނައީއެއް ނުކުރަމޭ ކަންތައްވި ގޮތެއް. މަރަށް ދޫކޮށްލި މައްސަލައޭ އަޅުގަނޑުމެންގެ މައްސަލައަކީ. މަރަށް ދޫކޮށްލާފައި އެ ފުރާޅުގަނޑު މަތީ މި ކުއްޖާ އޮތީ ކިހާ އިރެއްވަންދެންކަން ވެސް ހަމަ އެނގޭނީ އެމީހުންނަށް. މަރަށް ދޫކޮށްލާފައި ދިޔައީ ވެސް އެމީހުން،" އޭނާ ބުންޏެވެ.

ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.

"މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،" ޔުމްނުގެ ދައްތަ ބުންޏެވެ

ޔުމްނުއަށް އިންސާފު ލިބޭނެތޯ އޭނާ މިއަދު ސުވާލު ކުރި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައި ވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،" އޭނާ ބުންޏެވެ.

މި މައްސަލައިގައި އިންސާފަށް ގޮވައިލައި ޒުވާނުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. އަދި ސަރުކާރުން ވަނީ އެ އިހުތިޖާޖުތަކާ ގުޅިގެން މި ހާދިސާ ތަހުގީގުކުރަން ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދައިފައެެވެ.

މި ހާދިސާގެ ތެރެއިން ކުރިމަތިވި ޕްރެޝަރާއެކު އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ވެސް ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު