ޚަބަރު
ތަހުގީގުތަކާމެދު ކަންބޮޑުވުން ފާޅުކުރަނިކޮށް ހޯމިސައިޑް ޑިޕާޓުމަންޓު ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި
ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކޮށްފިއެވެ.

ސާމިހު އެ މަގާމުން ވަކިކޮށްފައިވާކަން ޔަގީން ވެފައިވާއިރު، އޭނާ އައްޔަންކުރީ އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަށެވެ. އެއީ ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމަންޓެވެ.

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކުރިއިރު އޭނާ ހުންނެވީ ކުރިއްސުރެ ހަމަޖައްސާފައިވާ ޗުއްޓީއެއްގައި ކަމަށް އެނގިފައި ވެ އެވެ.

ފުލުހުންގެ މި ފިޔަވަޅާ ގުޅިގެން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ސަމީހް މަގާމުން ވަކިކޮށްފައިވަނީ، މިދިޔަ މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓިފައި ވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަކުރާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މީގެ އިތުރުން ޔުމްނުގެ އާއިލާއިން ވެސް ވަނީ ފުލުހުން ސައްހަ ނޫން މައުލޫމާތު ދޭ ކަމަށް ބުނެ، ސާމިހް މަގާމުން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު