ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފި
18 މެއި 2025 - 15:57
0 comments
އެސޯސިއޭޝަނުގެ ކުރީގެ ރައީސް މޫސާ ނާޝިދު ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާ އެކު. -- ފޮޓޯ: މިހާރު
ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަމަލުތަކުގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުމަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން ބީއޭއެމް ސަސްޕެންޑުކޮށްފި އެވެ.
ބީޑަބްލިއުއެފްގެ މި ނިންމުން، އެމްއޯސީ އަށް އަންގަން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ބީޑަބްލިއުއެފް އިން ހިތްހަމަނުޖެހުނީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން އެމްއޯސީއާ ގުޅިގެން އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީ އިން ނުފޫޒު ފޯރުވުމުންނެވެ.ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިންތިހާބެއް ނުބޭއްވުނުތަނުގައި، އަސާސީ ގަވާއިދަށް އިސްލާހު ވެސް ގެނެވިފައެއް ނުވެ އެވެ.މިއީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަނުން ކަމަށް ނިންމައި، ބީޑަބްލިއުއެފްއިން ވަނީ ބީއޭއެމް ސަސްޕެންޑުކޮށް، އެ ފެޑެރޭޝަންގެ މެމްބަރުންނަށް ލިބޭ ފައިދާތައް ވެސް އަތުލާފަ އެވެ. އެ ސަސްޕެންޝަން ކަށަވަރު ވާނީ ދެން އެންމެ އަވަހަށް ބާއްވާ ބީޑަބްލިއުއެފްގެ އަހަރީ އާންމު ޖަލްސާގަ އެވެ.އެ ސަސްޕެންޝަން އުވާލަން ބޭނުންވާނަމަ، ބެޑްމިންޓަން އެސޯސިއޭޭޝަންގެ ހިންގުމާ ގުޅޭ ކަންކަން ނިންމުމުގައި އެ އެސޯސިއޭޝަންގެ އިންތިހާބުކޮށްފައިވާ ވެރިންނާ އޮލިމްޕިކް ކޮމިޓީއިން މަޝްވަރާ ކުރަން ޖެހޭނެ އެވެ.މި ހާލަތު ބަދަލުކުރަން ފެނޭތޯ ބީޑަބްލިއުއެފްއިން ދޭތެރެދޭތެރެއިން ބަލަމުން އަންނާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރުން އެއީ "ސަރޕްރައިޒެއް ނޫން" ކަމަށާއި ބޭނުންވަނީ ދޫދީގެން ކަންކަން ހައްލުކުރުމަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފަ އެވެ."ކުޅިވަރަށް ހާއްސަކޮށް ބެޑްމިންޓަނަށް ހެޔޮ އެދޭނަމަ، އަދި ރާއްޖެއަށް ރީތި ނަން ލިބެން އެ ބޭފުޅުން އެދޭނަމަ، މިހާރު އޮންނާނީ މިކަން ނިމިފަ. އެހެންނަމަވެސް އެ ބޭފުޅުން އެގޮތަށް ބޭނުން ނުވާތީ، މިއަދު މިހާ ހިސާބަށް ދާން މިޖެހުނީ" ތޮލާލް ވިދާޅުވި އެވެ.
އަދިވެސް ދޫ ދޭންޖެހޭ ތަންތާ ދޫ ދީގެންވެސް ރާއްޖޭގެ ބެޑްމިންޓަންގައި ހުރި މައްސަލަތައް ޙައްލުކޮށް ކުރިއަށް ދިއުމަކީ ކޮމިޝަނަރއޮފް ސްޕޯޓްސްގެ އަމާޒު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު