މުޒާހަރާކުރި އޮޑިވެރީންނަށް އެޗްޑީސީން ވަގުތީ ހައްލެއް ހޯދައިދީފި
މަރިޔަމް އަނާ
18 މެއި 2025 - 23:01
0 comments
މިއަދު މުޒާހަރާކުރި އޮޑިވެރިން - ފޮޓޯ/ އެކްސް، އަލީ ސުލައިމާން
ހުޅުމާލޭ މުދާ ޖެޓީގައި ދޯނިފަހަރުއެޅުން މަނާކުރުމުން އެ ސަރަހައްދުގައި މުޒާހަރާކުރި އޮޑިވެރީންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހައްލު ހޯދައިދީފި އެވެ.
އޮޑިވެރިން މުޒާހަރާ ކުރީ ހުޅުމާލޭ ރަށު މާރުކޭޓާ ދިމާލު ބަނދަރު ބޭނުންކުރުން މަނާކޮށް ލަކުޑި ޖެޓީއަށް ގާތްކޮށްފި ނަމަ ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތަކެއް އެޗްޑީސީން އެޅުމުން އެކަމުގެ ނުރުހުމުގަ އެވެ. އެ މީހުން ބުނީ ފެރީ ޓާމިނަލާއި އެފްއެސްއެމް ޝެޑާ ދެމެދުގައި އަޅާފައިވާ ދޯނިތައް ވެސް ނެގުމަށް އަންގާފައިވާ ކަމަށެވެ.އެހެންވެ މުދާ އުފުލާ ދޯނިތައް ގާތްކުރާނެ ތަނެއް ނެތް ކަމަށް ބުނެ އެ މީހުން މުޒާހަރާކުރުމުން، އެޗްޑީސީން ބުނީ ހުޅުމާލޭގެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.އަދި މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައި ވާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރާނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.އޮޑިވެރީންގެ މުޒާހަރާގައި ވަނީ އޮޑިވެރީންނަކީ ވެސް ދިވެހީންކަން ފާހަގަކޮށް، އެ މީހުންގެ ހައްގުތައް ހޯދައި ދޭން ގޮވާލައިފައެވެ.
ކިޔުންތެރިންގެ ޝުއޫރު