ދުނިޔެ
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
ބަޣްދާދުގައި ބޭއްވި އަރަބި ލީގުގުގެ ސަމިޓަށް ފަހު އަރަބި ގައުމުތަކުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު އިޒްރޭލުގެ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާ އެ ލާއިންސާނީ ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ކުށެއްނެތް އެތައް ކުޑަކުންދިންނާއި އަންހެނުން ޝަހިދުކޮށް އަދި ޖުމްލަކޮށް މުޅި ޣައްޒާ ސުންނާފަތިކުރިއިރު ވެސް އެންމެ ފަހުން ބޭއްވި އަރަބި ސަމިޓް ވެސް ނިމިގެން ދިޔައީ ކުޑަމިނުން އިޒްރޭލާއި ދެކޮޅަށް ދަތިކުރަން ދުނިޔެއަށް ގޮވައިލަން ނުކެރި އެވެ.

އިރާގުގެ ވެރިރަށް ބަޣްދާދުގައި ބޭއްވި ބައްދަލުވުމުގައި އަރަބި ގައުމުތަކުން މިކަމަށް ގޮވާލީ އިޒްރޭލުން ޣައްޒާގައި ކުރިއަށްވުރެ ވަރުގަދަ އާ އޮޕަރޭޝަނެއް ފަށައިފިކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އަރަބި ލީގުގެ 34ވަނަ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޣައްޒާއަށް އިޒްރޭލުން ކުރިމަތި ކޮށްފައިވާ މުސީބާތެވެ. ނަމަވެސް އިޒްރޭލަށް ހަތިޔާރު ދޭ ގައުމުތަކުގެ އަމަލުތައް ހުއްޓުވަން އަދި ހާއްސަކޮށް އިޒްރޭލުގެ "ބައްޕަ" އެމެރިކާ އާއި ދެކޮޅަށް އެއްޗެއް ބުނަން އަރަބި ލީގަށް ވަނީ ނުކެރިފަ އެވެ.

އަރަބި އެހެން ސަމިޓް ތަކެކޭ އެއްގޮތަށް މި ސަމިޓަށް ވެސް ގިނަ އަދަދެއްގެ ވެރިން ހާޒިރުވެ ވަޑައިނުގަންނަވާއިރު ސަމިޓްގެ ނިންމުތައް ވަރަށް ދޯދިޔާކަމަށް އަރަބި ބޮޑެތި މިޑީއާ ތަކުން ވަނީބުނެފައި އެވެ. އެއް ދުވަހުގެ އަރަބި ސަމިޓް ނިންމާލަމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ގޮވާލާފައިވަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް އެންމެން ތެދުވުމަށެވެ.

މީގެއިތުރުން އަރަބި ލީޑަރުން ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ޕްރެޝަރު ކުރުމަށާއި ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އިޒްރޭލުން ގެންދަނީ ހަމަލާތައް ހުއްޓައިނުލާނެ ކަމަށް ތަކުރާރުކޮށް ބުނެ އދ. އަށާއި ބައިނަލްއަގްވާމީ މުޅި ނިޒާމަށް ގޮންޖަހައި ނުކިޔަމަންތެރިކަމާއި ޖައްބާރުކަން ދައްކަމުންނެވެ. އެއީ އެމެރިކާއާއި ޔޫރަޕްގެ ހިމާޔަތް އިޒްރޭލަށް އޮތުުމުންނެވެ.

އިޒްރޭލުން ގާޒާ ސުންނާފަތި ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ފޮނުވާނެ ކަމަށް ވިދާޅުވެ ގާޒާގައި އުޅެމުންދާ ހުރިހާ ރައްޔިތުން މަރާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވިއިރު ވެސް އަރަބިވެރިންގެ ސަމިޓުގައި ޓްރަމްޕްގެ އެ ވާހަކަ ކުއްވެރިކުރާނެ އަރަބި ލީޑަރެއް ސަމިޓުގައި ނެތެވެ. އެކަމުގެ ހިތްދަތިކަން ތަހަންމަލް ކުރަމުން އެދަނީ ޣައްޒާގެ ކުށެއްނެތް ރައްޔިތުން ނެވެ.

އިރާޤުގައި ބޭއްވި އަރަބި ލީގުގެ ސަމިޓުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ އިތުރުން ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗޭޒް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ދެ ބޭފުޅުންނަކީ ޔަހޫދީންގެ ގަތުލުއާންމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދެ ބޭފުޅުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އަރަބި ގައުމުތަކުގެ ސަމިޓުގައި އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެޒް ބައިވެރިވެ ވަޑައިގެން ވިދާޅުވީ "މިހާރު ބޭނުންވަނީ ދާއިމީ ހަނގުރާމަ ހުއްޓާލަން" ކަމަށެވެ. އޭނާ ވަނީ ޣައްޒާގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރަން ނިންމާފައި ވާތީ އެކަމާ އިތުރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން އަރަބި ސަމިޓްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް އަރަބި ލީޑަރުންނަށްވުރެ މާހަރުކަށިކޮށް ސަހްޔޫނީންނަށް ބަހުގެ ހަމަލާތައް ދެއްވި އެވެ.

ވިދާޅުވި އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށާއި ސަހްޔޫނީން ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ އެއްބާރުލުން ދިނުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ސްޕެއިން އަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އަޅުވެތިކަމާއި އަނިޔާގެ ކުރިމަތީ ފަލަސްތީނު ރައްޔިތުން ފިނޑި ނުވާނެ ކަމަށާއި އަބަދުވެސް ނުކުމެ ކުރިމަތިލާނެ ކަމުގެ އަޒުމު އާކޮށް ތަކުބީރުގެ އަޑުން މުޅި ގާޒާ އޮތީ ގުގުމާލައިފަ ކަމަށް ދުނިޔެއިން ރިޕޯޓްކުރި ނަމަވެސް އަދި އެކަން ސަހްޔޫނީން ގަބޫލުކުރި ނަމަވެސް މި އަޑެއް އަރަބި ވެރިންނަކަށް ނީވެ އެވެ.

2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއިން މިވަގުތު ކާބޯތަކެތި ހޯދުމަށް އޮތް ދޮރުތައް ސަހްޔޫނީން ބަންދު ކުރުމުން، ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދަން އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްތީނުގެ ބިމުގައި ސަހްޔޫނީންގެ ނަމުގައި ގަދަ ބާރުން ގާއިމުކުރި ޔަހޫދީ ދައުލަތުގެ މައްޗަށް ގަދަވެގަނެ ސަހްޔޫނީން ބަލިކަށި ކޮށްލުމުގައި ވަށައިގެން އޮތް އަރަބި ގައުމުތަކަށް "ގަދަ" ނުވެވިގެން އެ އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި އެވެ.

މިއަދު އަރަބި ވެރިންގެ "ވަރިހަމަ" ފަލްސަފާގެ މައްޗަށް ފަލަސްތީނުގައި ޔަހޫދީން ގަދަވެފައި ތިބިތަން ނިކަން ދެކޭށެވެ. އެންމެ ފަހުގެ ސަމިޓުން ވެސް ފެނުނީ ހަމަ މި މަންޒަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު