ޚަބަރު
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅީ އެއްވެސް ކަހަލަ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށާއި އެ ޕާޓީއަށް ބާރު ލިބިއްޖެ ނަމަ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުން އުވާލާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މޭ 29 ވަނަ ދުވަހު ހުށަހެޅި ބިލް ގިނަ އިސްލާހުތަކަކާ އެކު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ފަލާހު ވިދާޅުވީ، އެ ބިލް ހުށަހެޅީ އެމްޑީޕީ މެންބަރަކު ކަމަށް ވިޔަސް އެކަން ކުރީ އެއްވެސް ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެއީ ސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ދެކިގެން ކަމަށެވެ.

އެކަމަކު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބެން އޮތް ގެއްލުމަކަށް ނުބަލާ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު މި ކަން ކުރީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ އަހުންނާއި އުހުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށް ޖެހުނަސް އަޅުގަނޑުމެންގެ މި ސަރުކާރަކުން ނުބަލާނެ. މަނާކުރާނެ އެކަން. މިއޮތީ އެކަން ދައްކައިދީފައި،" ފަލާހު ވިދާޅުވި އެވެ.

ފަލަސްތީނު ފަދަ މުސްލިމް އަހުންނާއި އުހުންތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ލިބެމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ނިންމުމުގެ ސަބަބުން ގައުމު "ބަޑަށް ޖެހުނަސް" ފަރުވާލެއް ނެތް ކަމަށާއި އެކަން މިއަދު ދައްކައިދީފައިވާކަން ފަލާހު ފާހަގަކުރެއްވި އެވެ.

ބަހުސް މަރުހަލާގައި އެމްޑީޕީ މެންބަރުން ވަނީ ބިލު ކޮމިޓީން ފާސްކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް 83 މެންބަރުންގެ އިއްތިފާގުން ބިލު ފާސްކުރީ އެމްޑީޕީގެ މެންބަރުންގެ ވޯޓާ ވެސް އެކު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު