ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ, މިއަދު ބޭރުކޮށްލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް މައްސަލައެއް ހުށަހަޅި އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވިއިރު، އެ މައްސަލަ ބަލަައިނުގަންނަން 44 މެންބަރުން ވޯޓު ދިނެވެ.

އެ މައްސަލައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.

އެ ގޮތުން 2019 ގައި ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ހިދުމަތް ތައާރަފުކުރެވިގެން ގޮސްފައިވީހިނދު، ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ސަރުކާރުން އަދާ ކުރަމުން ނުދިޔުމުން ތެރަޕީ ނެގުމަށް ދައްކަން ޖެހޭ ފައިސާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުން ހަރަދު ކުރަންޖެހިފައިވާ ކަމަށެވެ.

ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބުނެފައިވަނީ އެ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ހުށަހެޅީ އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި، މުޖުތަމައުގެ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެ މައްސަލައިގައިވަނީ ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު