ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ވަމުންދާ އިހުމާލުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލާގައި ވަނީ ނުކުޅެދޭ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި، އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އެކުލަވާލާފައި އޮތް ނަމަވެސް އިހުމާލުވަމުންދާ ކަމަށެވެ.

މައްސަލާގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް

  • ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާކުރަމުން ނުދާތީ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާއިން ހަރަދުކުރަން ޖެހުން
  • ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި، ތެރަޕީގެ އަގު ބޮޑުވަމުންދިޔުމާއި، އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް، ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުން ދިޔުން
  • އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކި އެކި އާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުން ނުދިޔުން
މިއީ ހުސް ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުން ކުރާ ޝަކުވާތައް ކަމަށް މައްސަލައިގައިވަނީ ފާހަގަކޮށްފައެވެ.

ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އެ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ހުށަހެޅީ އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް ކަމަށް ބުނެފައިވެއެވެ. އަދި، މުޖުތަމައުގެ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެ މައްސަލައިގައިވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު