ވިޔަފާރި
ޓިކްޓޮކް ބޭނުން ކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ބަލަނީ
މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.

އެކްސްގައި އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ވަނީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އެއިން އާމްދަނީ ހޯދެ އެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ފައިސާ ދެނީ ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެ މީހުން ބޭނުންވާ އުފެއްދުންތެރިންނަށް އެކަންޏެވެ. އަދި ލައިވްތަކަށް އަރައިގެން ވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބެ އެވެ. ރާއްޖޭގައި ވެސް ބައެއް މީހުން ގެންދަނީ އެ މަގުން އާމްދަނީ ހޯދަމުންނެވެ.

ކްރިއޭޓަރުން ޓިކްޓޮކުން އާމްދަނީ ހޯދުމަށްޓަކައި ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއި އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި މަސް ދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.

ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކުރަން މި ސަރުކާރުން މަސައްކަތްކޮށް ދޭނެ ކަމަށް ބުނެފައިވާތީ އެ ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ތިބީ އެކަން ފަހިވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

ޓިކްޓޮކަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސުން ހިންގާ އެއްޗެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު