ތުރާކުނުގައި ވޯޓާ ބަންކަރިންގެ ހިދުމަތް ފެށި ބާޖު މިހާރު ނެތް، އިނީ ބާޖު އައްސާނެ ތިން މުޑި..!
އަހުމަދު ނިހާން
24 މާޗް 2025 - 07:42
0 comments

ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި އޮފް ޝޯ ބަންކަރިންގައި ބޯޓުތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އެމްޕީއެލް އިން ފެނުގެ ހިދުމަތް ދޭން ހާއްސަ ބާޖެއް ބޭނުންކުރަން ފެށި ވާހަކަ މީގެ ކުރިން ވާނީ އަހައިފަ އެވެ. ވޯޓާ ބަންކަރަކީ ތުރާކުނަށް އަންނަ ބޯޓުފަހަރުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ގާއިމްކުރި ތަނެކެވެ. އަދި ކައުންސިލުން އެދިފައިވާގޮތަށް މިކަން ކުރުމަށް ބޭނުންވާ ފްލޯޓިން ބާޖް ބާއްވާނީ ތުރާކުނުގައި ކަމަށްވެސް އެމްޕީއެލްއިން ކުރިން ވަނީ ބުނެފަ އެވެ.
އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓާ ބަންކަރިންގ ހިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.ތުރާކުނު ކައުންސިލްގެ އިދާރާގައި 2024 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފެވެ.
މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓާ ބަންކަރިން ހިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގަ އެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންއަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.
"މިހާރުވެސް ގްރީކްގެ ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" ކުރިން އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް ވިދާޅުވީ ފެނުގެ ބަންކަރިން އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އުތުރުގައި މެރިޓައިމްގެހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކައުންސިލް ރައީސް ތައުރީފްކުރެއްވި އެވެ.މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޕީއެލް އިން ވަނީ ބޯޓަކަށް ބޭނުންވާ ފެން ފޯރުކޮށްދީފަ އެވެ. އޭރު އެކަން ކުރީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. އެމްޕީއެލް އިން ކުރިން ބުނީ، ފެން އުފުލުމަށް ހާއްސަ ބާޖެއް ހެދީ ތިލަފުށީގައި އޮތް އެ ކުންފުނީގެ ޑޮކްޔާޑުން ކަމަށެވެ.އެ ބާޖުގައި 200 ޓަނުގެ ފެން ރައްކާ ކުރެވެ އެވެ. އެމްޕީއެލް އިން ބުނީ ދެން "ވޯޓަ ބަންކަރިން" ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެ ބާޖު ކަމަށެވެ. އެ ބާޖުގެ ހިދުމަތް ފުރިހަމަ ކުރުމަށް ފަހު، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.އަދި އުތުރުގައި އެމްޕީއެލް އިން އަންނަނީ ބޯޓުތަކަށް މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެމުން ކަމަށް ބުނަމުން ނެވެ. އޭގެ ތެރޭގައި ޕައިލެޓޭޖު ހިދުމަތާއި ކްރޫ ޗޭންޖު ކުރުމާއި ޝިޕް ޓު ޝިޕް ހިދުމަތްތަކާއި ލޯންޗުތަކުގެ ހިދުމަތްތަކާއި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމާއި މެއިންޓެނެންސް ހިދުމަތްތަކާއި ޓަގް ސާވިސަސް ހިމެނެ އެވެ. ނަމަވެސް މިއިން އެއްވެސް ހިދުމަތެއް ބަޔަކަށް ފޯރުކޮށްދޭ ތަނެއް ނުފެނެ އެވެ.ތުރާކުނުން "ހޯރަ" އަށް މައުލޫމާތު ދިން މީހާ ބުނީ ވޯޓާ ބަންކަރިން ހިދުމަތް ބަޔަކަށް ދެވޭނީ ތުރާކުނަށް ފުރަތަމަ ސާފު ބޯފެން ކަށަވަރުވެގެން ކަމަށާއި ސަރުކާރުން ފެށި ހިދުމަތުން މިހާރު ފެންނަން ހުރީ "ތިން މުޑި" ކަމަށެވެ. އަދި ބަދަރުގައި ހުރި އެ މުޑިތަކުގައި ދުއްވާ އެއްޗަކުންޖެހި މީހަކަށް އަނިޔާވުން ނޫން އިތުރު ކަމެއް މިހާރު ތުރާކުނު ރައްޔިތުންނަށް ތަޖުރިބާ ނުކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ ސަރުކާރުން ކުރާކަމެއްގައި ދެކޮޅު ޖެހެންވާނެ ކަމަށާއި ބޮޑު އެއްބަސްވުންތައް ހަދައިގެން ފެށި ކަމަކުން ރަށުގައި އުފެދުނު ވަޒީފާގެ ފުރުސަތެއް ވެސް ނެތް ކަމަށެވެ.ނަތީޖާ އަކީ މިއަދު ހޯރަފުށީ ދާއިރާގެ ތުރާކުނުން ފެންނަ އިގްތިސޯދީ ހަގީގަތަކީ މި ސަރުކާރުން ފެށި ވޯޓަރ ބަންކަރިންގެ ހިދުމަތަށް ބޭނުން ކުރަން ހެދި ބާޖު މިހާރު ތުރާކުނަކު ނެތެވެ، ތުރާކުނުން ފެންނަން އިނީ ބާޖު އައްސާނެ ތިން މުޑި..! އެވެ.އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފެށި އިގްތިސޯދީ ބޮޑު ހަރަކާތުން ހޯރަފުށި ދާއިރާއަށް އަދި ލިބުނު މަންފާ އެއް ނެތެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެނެއް އަދި ތެލެއް ބަރުކުރަން މަޑުކުރާ ބޯޓެއް އެ ސަރަހައްދުން ނުފެނި އިކޮނޮމިކް މިނިސްޓަރު ސައީދު އަށް ވަނީ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފަ އެވެ.ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި ލިބުނު މީހަކުނެތެވެ. "ފެން" ބަންކަރިން އަށް ހެދި ބާޖު ފަދައިން ހޯރަފުށީ ދާއިރާގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ވެސް އޮތީ "ފެން" ވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު