ބަންކަރިން ހިދުމަތުން ހޯރަފުއްޓަށް މިވަގުތައް ލިބުނު ވަޒީފާގެ އަދަދަކީ ސުމެއް..!
އަހުމަދު ނިހާން
09 މާޗް 2025 - 17:15
0 comments
ބަންކަރިން ހިދުމަތުން ހޯރަފުއްޓަށް މިވަގުތައް ލިބުނު ވަޒީފާގެ އަދަދަކީ ސުމެއް..!
ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް, ރަސްމީކޮށް ފެށީ މީގެ ހަމަސް ކުރިން 19 ސެޕްޓެމްބަރު 2024 ގައި އެވެ.
ހއ. ހޯރަފުށީގައި އެ ކަމަށް ޓަކައި ރަސްމީކޮށް ބޭއްވި ހަފްލާގައި ބަންކަރިންގެ ހިދުމަތް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީގެ ފަސް ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގަ އެވެ. އެމްޕީއެލް އިން ބުނި ގޮތުގައި ބަންކަރިންގެ ހިދުމަތް ފެށުމާއެކު އެމްޕީއެލުން ބޯޓުތަައް 14 ހިދުމަތެއް ދޭނެ އެވެ. އޭގެ ތޭރޭގައި ހިމެނެނީ:- ޕައިލޮޓޭޖްގެ ހިދުމަތް
- ކްރޫ ޗޭންޖު
- ޝިޕް ޓު ޝިޕް ސާވިސް
- ސާފު ބޯފެނުގެ ހިދުމަތް
- ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް
- އަޑީތެޔޮ ފޯރުކޮށްދިނުން
- ޔޮޓުފަހަރުތަކަށް ޑޮކުގެ ހިދުމަތް
- މެއިންޓަނެންސްގެ ހިދުމަތް
- އަންޑަވޯޓާ ސާވިސް
- ޓަގުގެ ހިދުމަތް
- އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުން
- ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ހިދުމަތް
ބަންކަރިންގެ ހިދުމަތްތަކަށް ކަސްޓަމަރުން ހޯދުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް މި ދެންނެވި 14 ހިދުމަތާއި އެ ނޫންވެސް މަސައްކަތް ކުރުމަށް ބޭނުންވާ ވަޒީފާތަކަށް މީހަކު ނުނަގައެވެ. އަދި ހޯރަފުށީ މީހަކަށް ލިބުނު ވަޒީފާ އެއް ނެތެވެ. އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރި އޮފްޝޯ ބަންކަރިން ހިދުމަތް ފެށި އިރު އެކަން ކުރަނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމަ އަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ފުޅާކޮށް އިތުރު ހިދުމަތްތައް މި ސަރަހައްދުގައި ގާއިމްކުރުމާއިއެކު ރާއްޖޭގެ އިގްތިސޯދަށް ގިނަގުނަ މަންފާކޮށް އިހަވަންދިއްޕޮޅު އޮންނަ ސަރަހައްދުގައި ވަޒީފާގެ ގިނަ ފުރުސަރު ތަކެއް ތައާރަފް ކުރުމެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުނު ފަހުން ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު އުފެދުނު ވަޒީފާތަކެއް ނުފެނުމެވެ. އަދި ބަންކަރިންގެ ހިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތު ބޭއްވި ހއ. ހޯރަފުށީގައި މި އަދާ ހަމައަށް "ބަންކަރިންގެ ހިދުމަތުން" އުފެދުނު "އެންމެ ވަޒީފާ އެއް" ވެސް ނެތުމެވެ. ދެރައީ ރާއްޖޭގެ އުތުރުން ދަތުރުކުރާ 300 އާއި 450 އެއްހާ ބޯޓަށް ހިދުމަތް ދިނުމަށް ފެށި ބަންކަރިން ހިދުމަތުން އުންމީދުކުރި ވަޒީފާތައް އުފަން ނުވުމެވެ. ވާނީ ވެސް އެހެންތާ އެވެ. ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިތާ ހަ މަސް ވެފައިވާއިރު 8 ޑިގްރީ ޗެނަލުން ދަތުރުކުރާ ބޭރުގެ ބޯޓުތަަށް ދޭ ހިދުމަތެއް ނުފެނެ އެވެ. ހިދުމަތެއް ހޯދަން ހޯރަފުށި ސަރަހައްދުގައި މަޑުކޮށްލާ އާގު ބޯޓެއް ނުފެނެ އެވެ.ހޯރަފުށީ ދާއިރާ ހިމެނޭހެން ރާއްޖޭގެ ގިނަ ދާއިރާ ތަކުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު މަދުކަމުގެ ޝަކުވާ އަންނަނީ އިތުރު ވަމުން ނެވެ. ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި އެއް ނުލިބެ އެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އިތުރަށް ކިޔާލަން: އިހަވަންދޫއަށް އަންނަ ތަރައްގީ ފެނި ހޯރަފުށީ ކައުންސިލަރެއްގެ މަރުހަބާ..!
ކިޔުންތެރިންގެ ޝުއޫރު