އަހުމަދު ނިހާން
27 ފެބުރުއަރީ 2025 - 21:06
0 comments
ރައީސް، ހޯރަފުށީ ކައުންސިލާއި، ބައްދަލުކުރެއްވުމުގެ ތެރެއިން: އަރިހުގައި ކައުންސިލަރު ރައޫފް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހއ. އިހަވަންދޫއަށް އަންނަ ތަރައްގީއާއި ކުރިއެރުން ފެނި ހއ. ހޯރަފުށީ ކައުންސިލަރަކު އިހަވަންދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ 38 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިން ހިއްކައިގެން އިހަވަންދޫގައި އަޅާ ކޯލްޑްް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިއަށް ދާކަމަށާއި ބޮޑު ކެރޭނުގެ އުފާވެރިކަންވެސް އިހަވަންދޫ އަށް ލިބި 150 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ.
އަދި ވިދާޅުވީ އައިޑީ ކާރޑް ހެއްދުމާއި ޕާސްޕޯޓް ހެއްދުމާއި މަގުހެދުމާއި ހޮސްޕިޓަލްގެ މަސައްކަތް ބާރަށް ކުރިއަށް ދިއުމާއި ޑައިލިސިސް ސެންޓަރ ހިދުމަތް ފެށުމާއި އެތެެރެހަށީގެ ޑޮކްޓަރ ހިދުމަތްވެސް އިހަވަންދޫ އިން ލިބެން ފެށުމުން އިހަވަންދޫ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ހޯރަފުށި ދާއިރާއަށް ހާއްސަކޮށް އޮތީ ކޮން ކަމެއްތޯ.. ކޮބާތޯ އިންތިހާބުގައި ރަށްދެކެ ވާ ލޯބިން ރަށްފެނުނު ގުރޫޕާއި ރަށް ދެކެ ލޯބިން އުޅުނު ބޭފުޅުންކޮބައި ތޮ.. ކަމެއް ނެތް ތޯ... " ރައޫފް ލިޔުއްވާފައި ވެއެވެ.
ރައޫފް ވަނީ ކަނދުރު ބޮޑިއަކާއި މަސްދަޅު ކޭހަކުން ފުއްދާލައިގެން ތިބުން ނޫން ގޮތެއް އަހަރެމެންނަށް ނެތީތޯ ވިދާޅުވެ ސުވާލުކުރައްވާފަ އެވެ. އަދި ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ދެރަ ދީފަ އެއްފަރާތަކަށް އަރައި ތިބީމަ ނިމުނީ ތޯ.. ރައޫފް ވިދާޅުވި އެވެ
"ރަށުގައި ވަޒީފާތައް އިތުރުކޮށް، މާލީ ހާލަތު ރަނގަޅުކޮށް، ރަށުގެ އިފްރާސްޓްރަކްޗަރ ރަނގަޅުކޮށް، މުޅި ރަށް ބަދަލުވަމުން ދަނިކޮށް، އައިސް ހުއްޓުވި މީހުން ޒިންމާނަގަން ނުޖެހޭތޯ..." ރައޫފް ލިޔުއްވާފައި ވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަށުގައި ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މަޑުޖެހުމުގެ ސަބަބުން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލުން ސަރުކާރާ މެދު ހިތްހަމަނުޖެހުން މިފަހުން ފާޅުކުރި އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި ފަސް ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ، 2021 އިން ފެށިގެން ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ރަށުގެ އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތަކާ ގުޅިފައި އޮތް މަޝްރޫއެއް ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމި ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.އެގޮތުން މި މަޝްރޫއު ލަސްވުމުން ރަށުގެ ކުނި މެނޭޖުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހުއްޓިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ. އަދި، އެ ރަށު ބަނދަރުގެ ބައެއް ގަނބައިގެންފާ މައްސަލަ ހައްލުކުުރުމަށް ވެސް ސަރުކާރުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ކައުންސިލުން ބުންޏެވެ.އަދި މި ނިމުނު އަހަރު ނޮވެންބަރު މަހު އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ވެސް ވަނީ އިހަވަންދޫގެ ތަރައްގީ އާއި އެރަށު ރައްޔިތުން ވަރަށް އުންމީދާއެކު ގެނައި ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ގިނަ ދާއިރާތަކުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވެފައި ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އަހަރެއް ތެރޭގައި ގެންނަން ބޭނުންވި ތަރައްގީ ހުއްޓި، އެކަން ނުކުރެވިގެންދިޔަ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ."އެއް އަހަރު ވެގެންދިޔައިރު ގިނަ ދާއިރާތަކުގެ ރައްޔިތުންގެ އިހުސާސްތައް ހުރީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވުން ތެރޭގައި އިއްޒަތްތެރި ރައީސް. އެބޭފުޅުންގެ އަޅަން ހަމަޖެހިފައިވާ، ސިއްހީ ނިޒާމު ތެރެއިން އަޅަން ބޭނުންވި ހޮސްޕިޓަލާއި، ތައުލީމަށް އަޅަން ބޭނުންވި ސްކޫލްތަކާއި، މަގު ހެދުމާއި، ނަރުދަމާ އާއި މިނޫން ވެސް ހުރިހާ ކަންތައްތަކެއް ހުއްޓި މި މަސައްކަތް ނުކުރެވިގެންދިޔަ ސަބަބު އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނާ ހިސާބަށް ކިޔައިދޭން އިއްޒަތްތެރި ރައީސް،" ނަސީރު ވިދާޅުވި އެވެ.ކޮންމެ އަކަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިހަވަންދޫއިން ތަރައްގީއަށް އެދި ސަރުކާރުގައި ދެންނެވި ދެންނެވުންތަކުގެ ނަތީޖާ އަކީ މިއަދު އިހަވަންދޫގެ ތަރައްގީގެ ސްޕީޑް ރައޫފް ވިދާޅުވި ގޮތަށް "ބާރު" ވެއްޖެ އެވެ.އެގޮތުން މިހާރު ސަރުކާރުން ވަނީ:- މަސްވެރި ރަށެއް ކަމަށްވާ ހއ. އިހަވަންދޫގައި 474 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
- ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެ ރަށު ކައުންސިލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
- ހއ. އިހަވަންދޫގައި ތަރައްގީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ މިއަދު ވަނީ އަޅައިފަ
- ކިޑްނީ ބަލީގެ މީހުންނަށް ދޭ ޑައިލިސްގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ދޭން ވަނީ ފަށައިފި
- ހއ. އިހަވަންދުއަށް 100 ހައުސިން ޔުނިޓް އޮތް ނަމަވެސް 200އަށް އިތުރުކުރައްވާނެ ކަމަށް ވަނީ ރައީސް ވަނީ ވައުދު ވެފައި
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ފަށައިފި
- ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ބޭންކާއި ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި
- ހއ. އިހަވަންދޫގެ ހޮސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކޮށްފަ