ނިމުނު ދައުރު 700 މިލިއަން ރުފިޔާގެ ތަރައްގީ ހޯރަފުށީ ދާއިރާއަށް..!
އަހުމަދު ނިހާން
08 މާޗް 2025 - 16:04
0 comments
ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖައްސާފައި -- ފޮޓޯ: އެމްޓީސީސީ
ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސަރުކާރުގެ ފަސް އަހަރުތެރޭ 700 މިލިއަން ރުފިޔާގެ ތަރައްގީ ހޯރަފުށީ ދާއިރާއަށް ގެނައެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މެންބަރުންނަށް ވާހަކަ ދެއްކެވުމަށް ދިން ފަހު ފުރުސަތުގައި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަނީ އޭނާ ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.ސަލީމް ވިދާޅުވީ މެންބަރެއްގެ މައްޗަށް ކުރަން ލާޒިމުވާ ހުރިހާކަމެއް ވެސް ކުރީ ކުރެވުނު އެންމެ ފުރިހަމަކޮށް، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ."ހަމަ ޔަގީނުން ވެސް ހާޒިރީއަށް ފަރުވާބަހައްޓަން އަޅުގަނޑު މަސައްކަތްކުރިން. ޔަގީނުން ވެސް ފަސް އަހަރު ތެރޭގައި އަމިއްލަ ކަމަކަށް އަޅުގަނޑު ޗުއްޓީއެއް ނުނަގަން. މަޖިލީހުގަ ނެތް ނަމަ އަޅުގަނޑު ހުންނާނީ ދާއިރާގެ މަސައްކަތުގެ ތެރޭގަ. ފަސް އަހަރު ތެރޭގަ ރައްޔިތުންނާ ގުޅޭ މަސައްކަތްތައް ކުރުމަށް 46 ފަހަރު އަޅުގަނޑު ދާއިރާއަށް ޒިޔާރާތްކުރިން،" ސަލީމް ވިދާޅުވި އެވެ."އަޅުގަނޑު އަންދާޒާކުރެވުނު ގޮތުގައި މި ފަސް އަހަރުތެރޭ ސަރުކާރުން 700 މިލިއަން ރުފިޔާގެ ތަރައްގީގެ އިންވެސްޓްމަންޓްތައް މި ދާއިރާގެ ތިން ރަށަށް ވަނީ ކޮށްފަ،" "އިއްޒަތްތެރި ރައީސް މިއިން ޒަމާނަކު ރަށްރަށަށް ނާންނަ ކުރިއެރުން މި ދެންނެވި މުއްދަތުގެ ތެރޭ އައިސްފަ ހުރީ. އެކަމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙަށް ފަށްފަށުން ޝުކުރުއަދާކުރަން،"ވޭތުވެދިޔަ ފަސް އަހަރުތެރޭ ހޯރަފުށި ދާއިރާއަކީ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާފައިވާ އެއް ދާއިރާއެވެ.އެގޮތުން ހޯރަފުށީގައި އަޅާފައިވާ އެއާޕޯޓު ފާހަގަކޮށްލެވެ އެވެ. އަދި ހއ.ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވުނެވެ. ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުނެވެ. ރަށުގައި އެޅި އެއާޕޯޓާއެކު ދާއިރާގެ އަދި މުޅި އުތުރުގެ އެތައް ބައެއްގެ ތަކުލީފަށް ނިމުމެއް އައި ކަމަށް ސަލީމް ވިދާޅުވި އެވެ.ހަމަ އެގޮތުން އެ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ އުލިގަމާއި ހޯރަފުއްޓާ ތުރާކުނުގައި ބާވެ ބޭނުންނުކުރެވޭ ފެންވަރުގެ އެތައް އިމާރާތެއް އާ ކުރުމުގެ މަސައްކަތާއި، ކުޅިވަރުކުޅެވޭނެ ތަންތަނާއި އައުޓް ޑޯ ޖިމްތައް ވަނީ ގާއިމުކޮށްފަ އެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު