ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
އިސްމާއިލް ރިޒާ
28 އޭޕްރީލް 2025 - 11:10
0 comments
ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިއަދު މަރުހަބާ ދަންނަވަނީ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ޕްރެސްގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ނިންމެވި ނިންމެވުމަށް މެލޭޝިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.އަންވަރު ވިދާޅުވި ގޮތުގައި އޭނާ ވެސް އެ މައްސަލައިގައި ގެންގުޅުއްވަނީ އެއް ވިސްނުމެކެވެ. އެހެންވެ، ރައީސްގެ ނިންމެވުމަށް އިހުތިރާމުކުރައްވާ ކަމަށް ވިދާޅުވި އެވެ."މި މައްސަލައިގައި އަޅުގަނޑުމެން ދެ ޤައުމުންވެސް ގެންގުޅެނީ އެއް ސިޔާސަތުތަކެއް. ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ (ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން) ހިތްވަރު ގަދަ ނިންމެވުމެއް. އެ ނިންމެވުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަން،" މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވިއެވެ.
ޔަހޫދީ ދައުލަތުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ޔަހޫދީ ޒަޔަނިސްޓް ދައުލަތުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގާނޫނަށް ގެނައި އިސްލާހެކެވެ.
ރައީސް ޑރ. މުއިއްޒުއާއި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އިރުމަތީ ގުދުސްއަކީ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް ވަނީ ގޮވައިލައްވައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު