ޚަބަރު
ރައުދު ދޫކޮށްލަން އެދުނީ އަދަބަށް ވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހު 25ގަ އެވެ. އޭގެ ފަހުން މިދިޔަ ބްރާސްފަތި ދުވަހު ބަންދުން ދޫކޮށްލުމަށް ފަހު، އެހެން ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު ހައްޔަރު ވެސް ކުރި އެވެ.

އޭނާ ބަންދުގައި ހުންނަތާ މިދިޔަ އާދިއްތައަށް މަހެއް ވެފައި ވާއިރު، ރޭ ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެ މައްސަލަ ޕީޖީއަށް ފޮނުވުމުން ބަންދުން ދޫކޮށްލުމަށް އެ އިދާރާއިން އެދުމުންނެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޖީން އާންމުގޮތެއްގައި އެފަދަ އިރުޝާދުތައް ދެނީ ތުހުމަތު ކުރެވޭ މީހަކު ބަންދުގައި ބަހައްޓައިގެން އެ މީހަކަށް އަންނާނެ ދައުވާތަކުގެ އަދަބަށް ވުރެ ބޮޑުވުމުން ކަމަށެވެ.

މިދިޔަ މަހުގެ 24ގައި ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ އޭނާ އަނެއްކާވެސް ހައްޔަރުކުރިއެވެ.

އެއަށްފަހު ހުކުރު ދުވަހު އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަަހައިފަ އެވެ.

ރައުދު ފުލުހުންގެ ބަންދުގައި ބެހެއްޓީ 32 ދުވަހެވެ. އެހެންވެ، އޭނާއަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ އެ ވަރުގެ ހުކުމެއްކަން ޕީޖީގެ ނިންމުމުން އެނގެއެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު