ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަލީ ރާޒީ
27 މެއި 2025 - 20:00
0 comments
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު (ވ) އާއި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއު އާއި ނަވީންނެވެ.
ކިޔުންތެރިންގެ ޝުއޫރު