ޚަބަރު
މާލޭގެ ބޭރުތޮށި މާރާމާތުކުރުމަށް 10.5 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސައިދީފި
މާލޭގެ ވަށާ ތޮށި މަރާމާތު ކުރުމަށް ޖަޕާނު ސަރުކާާރުން ދޭ އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލިމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން އެމެރިކާ ޑޮލަރަކީ މާލޭ ވަށާލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދޭ އެހީއެކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވަނީ މާލެ ވަށައިގެން ލާފައިވާ ތޮށީގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ.

އެތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން ކަމަށާއި އެއީ ދެ ގައުމުގެ ދުވަސްވީ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެ ތޮށި މާލެ ވަށައިގެން އޮތުމުން ރައްކާތެރިކަން ލިބުނުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދަކަށް ރާއްޖެ އިން ތާއީކުރާކަން ތަކުރާރު ކުރައްވައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު