ޚަބަރު
ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން ވާނީ އިންކާރުކޮށްފައި: ހަލީލް
އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމާގައި އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ. 

ހަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގުތިސާދު ހިމާޔަތްކުރުމަށް ކަމަށެވެ. 

"އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް ހިމާޔަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އޭގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ތެޔޮ އުފައްދާ މިންވަރުވެސް މަދުކުރަމުންނެވެ. އޭގެ ސަބަބުން ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އުފުލިފަ އެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު